އިންތިހާބު އޮންނަ ދުވަހު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮންނަ ދުވަހު މާލޭ ސަރަހައްދުގައި ބަރު އުޅަނދުތައްް ދުއްވުން މަނާކޮށްފިއެވެ.

މި ނިންމުމަކީ އިންތިޚާބުގެ އިންތިޒާމުތައް ހަރުދަނާކޮށް، އަމާން އޮމާން މާހައުލެއްގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މިގޮތުން ވަކި ކެޓަގަރީތަކުގެ އުޅަނދުތަކެއް ވަކި ވަގުތުތަކެއްގައި ދުއްވުން ވަނީ މަނާކޮށްފައެވެ.

މި ވަގުތުތަކުގައި ދުއްވުން މަނާކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި A, B, C0, C2, D, E ކެޓަގަރީގެ އުޅަނދުތަކުގެ އިތުރުން V ކެޓަގަރީގެ އުޅަނދުތައް ހިމެނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ން ބުނީ ވޯޓްލާ ދުވަހު ބަރު އުޅަނދުތައް ފުއްވުން މަނާވަނީ އެދުވަހުގެ ހެނދުނު 06:00 އިން ރޭގަނޑު 23:00 އަށްކަމަށެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައިވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާ ނުވާނެކަމަށް ޓްރާންްސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޓްރާންސްްޕޯޓް މިނިސްޓްރީން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް