ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ ހުއްޖަތެއް ނެތް: ސުޕްރީމް ކޯޓު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ބަސް ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމާއެކު، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު މި ތާރީޚީ ވޯޓު ނެގުމަށް އޮތް އެންމެ ފަހުގެ ގާނޫނީ ހުރަސް ވަނީ ނެތިގޮސްފައެވެ.

ދުސްތޫރީ ހިލާފެއް ނެތް

މި މައްސަލައަކީ ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ އާއި އިބްރާހިމް ޝިޔާމްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. ދައުވާގައި ބުނެފައިވަނީ ވޯޓުގައި ރައްޔިތުންނާ ކުރާ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށެވެ. ނަމަވެސް، ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ:

  • ރިފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓެއްގައި ސުވާލު ހިމަނަންޖެހޭ ވަކި ސީދާ ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށް.

  • މިހާރު އޮތް ސުވާލަކީ ދުސްތޫރީ އުސޫލުތަކާ ފުށުއަރާ ސުވާލެއް ކަމަށް ބެލެވެން ނެތް ކަމަށް.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ހިމެނިވަޑައިގަންނަވައެވެ.

އިންތިހާބީ ނިޒާމަށް ބޮޑު ބަދަލެއް

މި ވޯޓަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ނަގާ ވޯޓެކެވެ. މިއީ ރާއްޖޭގެ އިންތިހާބީ ޚަރަދުތައް ކުޑަކުރުމަށާއި ސިޔާސީ ހަމަޖެހުމަށް ގެނެވޭ ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ ކުރިން އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި ވޯޓު ހުއްޓުވުމަށް ސިވިލް ކޯޓަށާއި ހައި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެ ކޯޓުތަކުން އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ނުކުމެ ނިންމާނީ ރާއްޖޭގެ އިންތިހާބީ މުސްތަގުބަލު ބައްޓަންކުރާނެ ގޮތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް