ރައީސް ޑރ. މުހައްމަދު މުއިއްޒު

އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެ ހާލަތްތައް އަންނަ މަހުން ފެށިގެން އިތުރުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އާސަންދަ ސްކީމްގެ ދަށުން  އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ހާލަތްތައް ކަނޑައަޅާފައިވާ ކަމަށެވެ.

 އަންނަ މަހުގެ 1 އިން ފެށިގެން އާސަންދަ މެދުވެރިކޮށް އެމްބިޔުލާންސް ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، އާސަންދައިން އެމްބިޔުލާންސްގެ ޚިދުމަތް ލިބޭ ޙާލަތްތަކަކީ؛

1) އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެނެވޭ ފަރާތްތަކަށް

2) މައްޔިތުން އެމްބިޔުލާންސްގައި އުފުލުމަށް

3) ބެޑްރިޑެން ނުވަތަ އެނދުމަތިކުރެވިފައިވާ ބަލިމީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

3) ފޮރޮޅުލީ ގޮނޑީގައި ތިބޭ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

4) ފިޒިކަލް، މެންޓަލް، އޯޓިޒަމް، ޑައުންސިންޑްރޯމް ހިމެނޭހެން އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

5) އެއް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަށް ނުވަތަ ޓެސްޓުތައް ހަދަން އެހެން ހޮސްޕިޓަލަކަށް އުފުލާއިރު

6) އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހާ ފުރުވާއިރު ނުވަތަ އެހެން ރަށަކަށް އިތުރު ފަރުވާއަށް ފުރުވާއިރު އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިޔުމަށް

7) ތެލެސީމިއާ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހަމަޖެއްސުމަކީ ވަރަށް ގިނަ ދުވަހު މަޝްވަރާ ކުރެވުނު ކަމަށެވެ.

"އެކަމާ ބެހޭގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތައްކޮށް، ފައިނޭންޝަލީ ބަޖެޓަރީ އިމްޕްލިކޭޝަންތައް، ދެން މިހެން ގޮސް ހުރިހާ ކަމެއް… އޮޕަރޭޝަނަލް އޭންގަލް އިން ބަލަންޖެހޭ ކަންތައް ވެސް ބެލުމަށް ފަހު ނިންމި ނިންމުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް