މޭޔަރު ރޭހުގެ ފޯރިގަދަވެ، އުއްޗު ވެސް ޖަލީލުގެ ފަހަތަށް

ކުރިއަށް އޮތް މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ރަސްމީކޮށް ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ މޫސާ އަލީ ޖަލީލް މިއަދު އުއްޗުއާ ބައްދަލުކުރެއްވުމަށް ޗަމްޕާގިރިއަށް ކުރެއްވި ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި އުއްޗު ވަނީ ޖަލީލަށް ތާއީދުކުރެއްވުމުގެ އިތުރުން، އިންތިޚާބުގައި ކާމިޔާބީ ހޯއްދެވުމަށް ޖަލީލަށް ވޯޓު ހޯދުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

އުއްޗު ވިދާޅުވި ގޮތުގައި، މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ޚިދުމަތުގެ އެންމެ ފާހަގަކޮށްލެވޭ އަދި ފަޚުރުވެރި ރެކޯޑެއް އޮތީ މޫސާ އަލީ ޖަލީލަށެވެ. ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ޖަލީލް ދައްކަވާފައިވާ ކެރުމާއި، ހިތްވަރާއި، އިޚްލާޞްތެރިކަމަކީ މިއަދު ގައުމަށް ނަމޫނާއެއް ކަމަށާއި، މާލޭގެ މޭޔަރުކަން ފަދަ ޒިންމާދާރު މަގާމަކަށް އެފަދަ ބޭފުޅެއްގެ ޚިދުމަތް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އުއްޗު ފާހަގަކުރެއްވިއެވެ.

"ގައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓުމާއެކު ނަމޫނާ ދައްކަވާފައިވާ ބޭފުޅުން ގައުމުގެ މުހިންމު މަގާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަންދޭނަން،" ޖަލީލުގެ ގައުމީ ޚިދުމަތަށް ތައުރީފް ކުރައްވަމުން އުއްޗު ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި ފޯރިގަދަ އިންތިޚާބާ ދިމާކޮށް، ގިނަ އަދަދެއްގެ ނުފޫޒުގަދަ ބޭފުޅުން އަންނަނީ ޖަލީލަށް ތާއީދު ކުރައްވަމުންނެވެ. އޭގެ ތެރޭގައި މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ވިޔަފާރީގެ ދާއިރާއިން އުއްޗު ފަދަ ބޭފުޅެއްގެ ތާއީދު ލިބުމަކީ މި އިންތިޚާބުގައި ޖަލީލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް