ރާއްޖެއާއި ނޭޕާލްގެ ގުޅުން ބިނާވެފައިވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިޙުތިރާމްގެ މައްޗަށް: ޚާރިޖީ ވަޒީރު

ދިވެހިރާއްޖެ އާއި ނޭޕާލާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙުތިރާމާއި ދެކުނު އޭޝިއާގެ ސަރަހައްދީ ޤައުމެއްގެ ގޮތުގައި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އަސާސްތަކާއި ބަދަހި އެއްބާރުލުމުގެ މައްޗަށް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ނޭޕާލްގެ ޚާރިޖީ ވަޒީރުގެ މަޤާމަށް އޮނަރަބަލް މރ. ސިޝިރް ކަނާލް ޢައްޔަން ކުރެއްވުމާ ގުޅިގެން އެ މަނިކުފާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ވަޒީރުގެ މެސެޖުގައި ނޭޕާލުގައި ބޭއްވި ކާމިޔާބު އިންތިޚާބަކަށްފަހު، ޚާރިޖީ ވަޒީރުގެ މަޤާމަށް މރ. ސިޝިރް ކަނާލް ޢައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.

ވަޒީރު ވިދާޅުވީ މރ. ސިޝިރް ކަނާލް މަޤާމާ ހަވާލުވެވަޑައިގެންނެވީ ނޭޕާލްގެ ޑިމޮކްރެސީއަށް ވާސިލުވުމަށް ކުރާ ދަތުރުގެ ވަރަށް މުހިންމު ވަގުތެއްގައި ކަމަށާއި، މރ. ސިޝިރް ކަނާލްގެ ތަޖުރިބާ އާއި ހިންގުންތެރިކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ނޭޕާލް އިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ އާއި ނޭޕާލްގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރި ގާތް ގުޅުން، ޚާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ނޭޕާލް ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ލިބޭ ހިދުމަތްތައް ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވާ މައިގަނޑު އެއް ދާއިރާގެ ގޮތުގައި ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުން އިސްކަންދޭ ކަންތައްތަކުގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ނޭޕާލްގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އައުކޮށް އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް