ރާއްޖެ އެތެރެކުރަން އުޅުނު 2.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މާރިޗު 4 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

މިގޮތުން ޖުމުލަ 2،640 ގުރާމުގެ ސިންތެޓިކް ކެތިނޯން ވަނީ އަތުލައިގެންފައެވެ. މި ތަކެތީގެ މަގުމަތީ އަގު 3.9 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ.

މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް