ކާބޯތަކެއްޗާއި ބޭސް ހުސްނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި

މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭހާއި ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސަމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ބޭރޫތާއި ގަލްފު ސަރަހައްދުގެ މަޝްރަހު ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ސަޕްލައި ޗެއިންއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ބައެއް ގައުމުތަކާއެކު ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، ކާބޯތަކެއްޗާއި ތެލާއި ބޭސް މެދުނުކެނޑި ލިބޭނެ އިތުރު މަގުތައް ހޯދުމަށް ސަރުކާރުގެ ޚާއްސަ ޓީމެއް ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ގޮސް މުހިންމު މަޝްވަރާތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ޚަލީލް އިތުރަށް ވިދާޅުވީ، ގަލްފު ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ހޯދުމަށް ހުރި ހުރަސްތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް މިހާރު އަޅަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހަމަލާތައް އަތުވެދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ތިބި ދިވެހިން މިހާރު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ގައުމުތަކުގައި ހުރި ދިވެހި އެމްބަސީތައް މެދުވެރިކޮށް ދިވެހިންގެ ހާލަތު ކޮންމެ ދުވަހަކު ވެސް ބަލަމުންދާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް