ސަރުކާރުގެ އިސްލާހީ މަސައްކަތަކީ ގައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް: ރައީސް

މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސް. ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓިވީގެ ޕްރޮގްރާމް "އެސްޕްރެސޯ ވިތު ރައީސް" ގައި ރޭ، ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސަރުކާރުގެ އިޞްލާޙީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިޞްލާޙުތަކާ މެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށެވެ.

އަދި މި އިޞްލާޙުތަކަކީ ދުރާލާ ރޭވިގެން، ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒުކުރައްވަމުންގެންދަވާ ކަންތައްތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިސްލާޙާއި، އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން، ފުޅާދާއިރާއެއްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިޞްލާޙަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިޞްލާޙެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުން އިޞްލާޙުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މިހާރުއްސުރެވެސް، އެ ހުށަހެޅުންތަކާމެދު ފިކުރު ހިންގައި، އެ ކަންކަން ބައްޓަންކުރެވިދާނޭ ގޮތްތަކާމެދު ޒުވާނުންގެ މެދުގައި މަޝްވަރާކޮށް، ޒުވާނުންގެ އަޑު އިއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރޭގެ ޕްރޮގްރާމުގައި ރައީސް ވަނީ، ޒުވާނުންނާ ގުޅުންހުރި ސިންދަފާތު ދާއިރާތަކުން، ސަރުކާރުން ރާވާފައިވާ އަދި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ ތަފާސްހިސާބުވެސް، ހިއްސާކުރައްވާފައެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ، ޒުވާނުން ބާރުވެރިކޮށްގެން، ޒުވާނުންގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ޤައުމު ކުރިއަށްގެންދަވަންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކުން، މި ބާރުވެރިކަމާއި ބައިވެރިވުމަށް ދޮރުތައް ހުޅުވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް