އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމަށް ޕުރޮގުރާމުތަކެއް ހިންގަނީ

ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ 2 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސެޝަންތަކުގެ މައިގަނޑު މަޤްސަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުން ކަމަށެވެ.

އަދި މި ސެޝަންތަކުގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން އޮންނަ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އެ ވުޒާރާއިން ވަނީ، މި އަހަރުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މިގޮތުން މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޭނުންވާ ފަރާތްތައް 30 މާރިޗު 2026 ފެށިގެން 02 އޭޕްރިލް 2026 ގެ ކުރިން މި ގޫގުލް ފޯމް ލިންކުން ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް