އެމްޓީސީސީ ޓެކްސީ ލައިން
މާލޭގައި އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ބައެއް ކާރުތައް ރާއްޖެ ގެނެސްފި އެވެ.

މި ހިދުމަތް ދޭން ނިންމާފައި އޮތީ އެމްޓީސީސީ މެދުވެރިކޮށެވެ. އެގޮތުން އެ ކުންފުންޏާ ޓެކްސީ ލައިންގެ ހިދުމަތް ދޭން ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 15 ގަ އެވެ.

އެމްޓީސީސީން ބުނީ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކާރުތަކުގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި ޝިޕްމެންޓްގައި ރާއްޖެ ގެނެސްފައިވަނީ ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.

ސަރުކާރުގެ ޓެކްސީ ލައިނަށް ނަމްބަރެއް އިއްޔެ ތައާރަފުކޮށްފައިވެ އެވެ. އެއީ 1655 އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް 24 ގަޑިއިރު ދޭނީ  އެޕްލިކޭޝަނަކުން ޓެކްސީ އަށް އެދެވޭ ގޮތަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދެވެ. އަދި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް