އުނގުލަށް އަރާ ފޭބޭނީ އުނގޫފާރު މީހުންނަށް އެކަނި: އުނގޫފާރު ކައުންސިލް

ރައީސްގެ ހާއްސަ ގަރާރަކުން، ރ. އުނގުލަކީ އުނގޫފާރު ކައުންސިލްގެ އިހްތިސާސްްގެ ތެރޭގައި ހިމެނޭ އެ ރަށުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އެ ރަށަށް އެރުމުގެ ހުއްދަ ހަމައެކަނި އުނގޫފާރުގެ ރަށްވެހިންނަށް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އުނގުލާމެދު ޢަމަލުކުރާނެ ދާއިމީ އުޞޫލެއް އެކުލަވައިލެވެންދެން، މިހާރު ޢަމަލުކުރާނެ ވަގުތީ އުޞޫލެއް ކައުންސިލުން ވަނީ މިއަދު އިޢުލާނުކޮށްފައެވެ. އެ އުޞޫލުގައިވާ ގޮތުން، އުނގުލަށް ދާން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޫގުލް ފޯމު ފުރިހަމަކުރަން ޖެހެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި، އުނގުލަށް އަރާ ފޭބުމުގެ ހުއްދަ ދޫކުރާނީ ހަމައެކަނި އުނގޫފާރުގެ ރަށްވެހިންނަށާއި، އުނގޫފާރު މީހުންނާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އެ މީހުންގެ ދަރިންނަށެވެ.

މި ހުއްދައިގެ ދަށުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5:00 އާ ދެމެދު އެ ރަށަށް އެރުމުގެ ފުރުޞަތު އޮންނާނެއެވެ.

މީގެ އިތުރުން، އުނގުލުން ހޮވާ ކޮންމެ ހަތަރު ކާއްޓަކުން އެއް ކާށި ކައުންސިލަށް ލިބެންޖެހޭނެ ކަމަށާއި، އެ ރަށުން ގެނެވޭނީ ހަމައެކަނި ބިމަށް ވެއްޓިފައި ހުންނަ ކާށި ކަމަށްވެސް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

އަދި އުނގުލުގައި ހުރި ރުއްގަހަށް އެރުމާއި، ދަނޑިބޭނުންކޮށްގެން ރުކުން ކާށި ނުވަތަ އިތުރު އެއްޗެއް ބޭލުމަކީ މަނާކަމެއްގެ ގޮތުގައި އެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކުމަށްވަނީ ހަމަޖެހިފައިވާކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ. އެގޮތުން އުނގުލުން ގަންނަ ނަމަ 5ރ އަށް އުނގޫފާރުން ނަމަ 7ރ އަށް ކާއްޓެއް ގަންނަން ލިބޭނެކަމަށްވެސް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް