ތިނަދޫގައި 50 ހައުސިން ޔުނިޓު އެޅުމާއި މަގުހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

ތިނަދޫ ސިޓީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓުގެ މަޝްރޫޢާއި ތިނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ތިން ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުالله މުއްޠަލިބެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތިނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ 50 މަގު (19.3 ކިލޯމީޓަރ) ގައި ތާރުއެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަޝްރޫޢުގެ މުއްދަތަކަކީ 1،440 ދުވަހެވެ.

މީގެ އިތުރުން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގާ ތިނަދޫގައި 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ ހައުސިންގ ޔުނިޓުތައް ކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ މުއްދަތަކީ 450 ދުވަހެވެ.

މި ދެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ މެންބަރުންނާއި، މަޝްރޫޢު ހިންގާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ބުނީ ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، ޖުމުލަ 1،022 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި، މި އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން، ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތައް ކަނޑައަޅައި، އެކަން އިޢުލާންކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް