އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢު އިފްތިތާޙްކޮށްފި

އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޤާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްފިއެވެ.

މިކަމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދާޚީލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙްސާނެވެ. މީގެ އިތުރުން އެންގްލޯ ބެލްޖިއަން ކޯޕަރޭޝަންގެ ފަރާތުން މިޑްލް އީސްޓް، ނޯރތް އެމެރިކާ އަދި ސައުތު އެފްރިކާއަށް ކަނޑައަޅުއްވާފައިވާ އޭރިއާ މެނޭޖަރ ކެޕްޓަން ވިންސެންޓް ޕިރީ، ޑެފިނިޓް ސޮލިއުޝަންސްގެ ސީ.އީ.އޯ އަލްފާޟިލް އަބްދުﷲ ސައީދު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެންބަރުން މި ޙަފްލާގައި ބައިވެރިވެވަޑައިގަތެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ އެތައް ދުވަހެއްވީ މައްސަލައެއް ކަމަށާއި، އެގޮތަށް އެކަން ދިމާވެފައިވަނީ، ދާއިމީ ޙައްލެއް ހޯދައިދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމުމަށްޓާކައި ކުރެވެމުންދާ މަސައްކަތުގެ ދަށުން، އައު ފަރާތަކަށް މި މަސައްކަތް އެވޯޑް ކުރެވި ޢަމަލީ މަސައްކަތް މިހާރު މިވަނީ ފެށިފައެވެ.

ފެނަކައިން ހާމަކުރި ގޮތުގައި ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ސި.ޕީ.އެސް ފުރިހަމަކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގެ އިތުރުން، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން މި ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ)ގެ އުފެއްދުމެކެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށް ފެނަކައިން ބުނެއެވެ.

އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެއެވެ. މި މަޝްރޫޢު ފުރިހަމަވުމުން އައްޑޫސިޓީގެ ދުވަސްވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެން ދާނެއެވެ.

މީގެ އިތުރުންވެސް، އައްޑޫ ސިޓީގެ ކަރަންޓާއި ފެނާ ނަރުދަމާގެ ޚިދުމަތް ރަނގަޅު ކުރުމަށްޓާކައި ވަރަށް ގިނަ މަސައްކަތަކެއް ކުރެވި އަދި މިހާރުވެސް ކުރެވެމުންދާ ކަމުގައި މެނޭޖިނގ ޑިރެކްޓާރ ފާހަގަ ކުރެއްވިއެވެ. އަދި ސީ.ޕީ.އެސް މަޝްރޫޢު ނިމި ޚިދުމަތް ފެށޭއިރު، އައްޑޫ ސިޓީގައި ހުއްޓިފައިވާ ފެނަކައިގެ ދެ އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އައު އޮފީހެއްވެސް ލިބިގެންދާނެކަމުގައި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް