ހެލިކޮޕްޓަރު ހިދުމަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝަޢުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ގާއިމުކޮށް ހިންގުމަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ފުރަތަމަ ފުރުސަތު ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

އަދި މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރިން ދީފައިވާ މުއްދަތު، މި ހިނގާ މާރިޗު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮތީ ހަމަވެފައެވެ.
ނަމަވެސް، އެ މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން، ޕްރޮޕޯސަލް ހުށަހެޅުމުގެ އައު ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި މުއްދަތު އިތުރުކުރަން ނިންމީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ ކުންފުނިތަކަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީއެވެ. މީގެ އިތުރުން، ޕްރޮޕޯސަލް ތައްޔާރުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ރަސްމީކޮށްނާއި ނުރަސްމީކޮށް އެދެމުންދާތީ، އެ ފުރުސަތު ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ސިއްޙީ ކުއްލި ފަރުވާ ބޭނުންވާ ޙާލަތްތަކުގައި ހެލިކޮޕްޓަރު މެދުވެރިކޮށް ދޭ ޚިދުމަތްތައް ހަމަޖެއްސުމަށް ކަނޑައަޅާފައިވަނީ ވަކި ޚާއްޞަ އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން، މިފަދަ ކުއްލި ޙާލަތެއް ދިމާވެއްޖެ ނަމަ، ފުރަތަމަ 3 އަހަރުގެ މުއްދަތަށް ކޮންމެ މަހަކު އެއްވެސް އަގަކާ ނުލައި ދިހަ ގަޑިއިރުގެ އުދުހުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް