ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް 90 މިލިއަން ރުފިޔާގެ ގެއްލުމެއް ވެދާނެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އެއް މަސް ދުވަހަށް ދިގުލައިގެން ހިނގައްޖެ ނަމަ، ރާއްޖޭގެ އިގްތިސާދަށް 85 މިލިއަން އާއި 90 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.

ހަނގުރާމައިގެ ސަބަބުން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ހާއްސަ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މިއަދު ވިދާޅުވީ، އާމްދަނީ ދަށްވި ނަމަވެސް ބައެއް މުހިންމު ދާއިރާތަކުގެ ހަރަދުތައް ކުޑަނުކުރާނެ ކަމަށެވެ.

  • އިސްކަންދޭ ދާއިރާ: ސިއްހީ ހިދުމަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ދޭ އިސްކަން ކުޑައެއް ނުކުރާނެ.
  • މަޝްރޫއުތަކަށް ބަދަލުފެނުން: ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ބައެއް ތަރައްގީގެ މަޝްރޫއުތަކުގެ ޝެޑިއުލަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެއް.
  • މަސްވެރިކަމަށް އެހީތެރިކަން: ތެލުގެ އަގު އުފުލުނު ނަމަވެސް، މަސްވެރިންނަށް ސަބްސިޑީގެ ތެރެއިން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން.
  • އިތުރު ފައިނޭންސް: ހާލަތު އިތުރަށް ގޯސްވެ، ހަނގުރާމަ 6 މަހަށް ދެމިގެން ހިނގައްޖެ ނަމަ ބޭރުގެ މާލީ އިދާރާތަކުން އިތުރު އެހީ ހޯދަން ޖެހިދާނެ.

ފަތުރުވެރިކަމަށް އައި ލޮޅުން:

ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 21 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވީ މިއީ އަދިވެސް އުންމީދު އޮތް ދާއިރާއެއް ކަމަށެވެ.

"ކެންސަލޭޝަން ފީއެއް ނުނަގައި، ފަހުން ރީބުކް ކުރެވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުން. މިހާރު ދަތުރު ކެންސަލް ކުރާ މީހުން އަހަރުގެ ފަހުކޮޅު ނުވަތަ ހަނގުރާމަ ހަމައަކަށް އެޅުމުން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ،" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

ފަތުރުވެރިން އިތުރުކުރުމަށްޓަކައި އަންނަ މަހުގެ ތެރޭގައި ބައިނަލްއަގުވާމީ ފެއާތަކުގައި ބައިވެރިވެ، މާކެޓިންގެ ވަރުގަދަ ހަރަކާތްތަކެއް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރާވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް