ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މީހުން އަދިވެސް ނުފެނޭ: ފުލުހުން

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުން އަދުވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ވ. ފެލިދޫ ކައިރީގައި 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންދާއިރު، މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ފުރާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު، 2026 މާރިޗު 20 ވަނަ ދުވަހު ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިވާ ކަމަށާއި، އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިންގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

އަދި މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުން ކަމަށާއި، އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށްވާއިރު، މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ކުރަމުންދާ ކަމަސް ފުލުހުން ބުންޏެވެ.

މި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް