މާލެހިޔާ ފްލެޓްތަކުގެ މަރާމާތަށް ބަޔަކު ހޯދަނީ

މާލޭގެ މާލެހިޔާ އެކެއް އަދި ދޭއްގެ ފްލެޓްތަކުގައި ހުރި މައްސަލަތައް ހައްލުކޮށް، އެއް އަހަރު ދުވަހުގެ މުއްދަތަށް އެ އިމާރާތްތައް މަރާމާތުކޮށް ބަލަހައްޓާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން މި މަހުގެ 25 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކައުންސިލް ހޯލްގައި އޮންނާނެ ކަމަށެވެ.

މަސައްކަތުގެ މައިގަނޑު ތަފްސީލް:

މި މަޝްރޫއުގެ ދަށުން މާލެހިޔާގެ ދެ އިމާރާތުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުލަލުން: މަސައްކަތް ހަވާލުކުރާތާ 4 މަސް ތެރޭގައި އިމާރާތުގެ ބޭރު ފާރުތަކާއި، ސިޑިގޮޅިތަކާއި، އާންމު އޭރިއާތަކުގެ އިތުރުން އިންފާރުގައި ކުލަލުން.
  • މެއިންޓެނަންސް: އެއްބަސްވުމުގެ މުއްދަތުގައި (އެއް އަހަރު ދުވަހު) ފްލެޓްތަކުގެ މަރާމާތާ ގުޅޭ ހުރިހާ މަސައްކަތެއް ބެލެހެއްޓުން.

މާލެހިޔާ 1 ގެ 36 އެޕާޓްމަންޓާއި މާލެހިޔާ 2 ގެ 24 އެޕާޓްމަންޓާއެކު ޖުމްލަ 60 ފްލެޓް މި ދެ އިމާރާތުގައި ހުރެއެވެ. ޒަމާންވީ މި ފްލެޓްތަކަކީ މަރާމާތަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ތަންތަނެވެ.

މި މަރާމާތުގެ މަސައްކަތް އިއުލާންކޮށްފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް މަރާމާތުގެ އެހީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދޭން ނިންމާފައިވާ މައްސަލައެއް އޭސީސީން ބަލަމުންދާ ދަނޑިވަޅެއްގައެވެ.

މުޅި މި މަޝްރޫއަށް ދައުލަތުން 16.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް