ވޯޓާސް ލިސްޓުގައި ސޮއި ކުރަން އިތުރު ދުވަހެއް ދީފި
މާލޭގެ މާފަންނުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމަށް އިތުރު އެއް ދުވަހުގެ ފުރުސަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 17ވަނަ ދުވަހުއެވެ. އެ ފުރުޞަތު މިއަދުގެ ނިޔަލަށް ހުޅުވާލި ނަމަވެސް ބުދަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނާ އިންވެގެން ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސްލިސްޓުގައި ސޮއިކުރުން މެދުކަނޑާލިއެވެ.

ވޯޓާސް ލިސްޓުގައި އަލުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފެށީ ހުރިހާ މަސައްކަތެއް ސޯޝަލް ސެންޓަރަށް ބަދަލު ކުރުމަށްފަހު މިއަދު ހެނދުނުއެވެ. އެހެންކަމުން އިތުރު އެއް ދުވަހުގެ މުއްދަތެއް ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނީ މާޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 ގެ ނިޔަލަށް ކަމަށެވެ. އަދި މާދަމާއަކީ ޢީދު ދުވަސް ކަމަށްވާތީ އެ ދުވަހު ސޮއިކުރުން ކުރިއަށް ނުދާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް