ޖެނުއަރީ މަހުގެ ހަމަނުޖެހުންތަކުގައި ފުލުހުން މަރާލި ކަމުގެ ކުށް ސާބިތުވި 3 މީހަކު އީރާނުން ދަންޖައްސައިފި

ތެހެރާން — މި އަހަރުގެ ދޭ (ޖެނުއަރީ) މަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރޭގައި ދެ ފުލުހަކު މަރާލުމާއި، އެމެރިކާ އާއި އިސްރާއީލަށް ތާއީދުކޮށް އޮޕަރޭޝަންތައް ހިންގި ކަމުގެ ކުށް ސާބިތުވި ތިން މީހަކު އީރާނުން ބުރާސްފަތި ދުވަހު މަރާލައިފިއެވެ.

މި މަރުގެ އަދަބުތައް ދީފައިވަނީ އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 20 ދުވަސް ވެފައިވަނިކޮށެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޑިސެމްބަރު މަހުގެ ފަހުކޮޅު ފެށުނު މުޒާހަރާތަކުގައި 3،117 މީހުން މަރުވެފައިވެއެވެ.

ނަމަވެސް، ގިނަ މީހުން މަރުވުމުގެ ޒިންމާ ދައުލަތުގެ ސަލާމަތީ ބާރުތަކުން އުފުލަންޖެހޭނެ ކަމަށް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކުރާ ތުހުމަތުތައް އީރާނުން ދޮގުކުރެއެވެ.

މިނިވަން މޮނިޓަރުން ރިޕޯޓްކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ މައްޗެވެ. އެގޮތުން އެއް ގްރޫޕަކުން 6،872 މީހުން މަރުވިކަން ކަށަވަރުކޮށްދީފައިވާއިރު، އދ. ގެ ރެޕަޓުއާއަކު ލަފާކުރައްވާ ގޮތުގައި މަރުވި މީހުންގެ އަދަދު 20،000 އަށްވުރެ އިތުރުވެދާނެއެވެ.

މި ހަފުތާގައި އީރާނުން ވަނީ އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ސްވިޑަންގެ ރައްޔިތަކު ވެސް މަރާލާފައެވެ. އަދި 26 ޕްރޮވިންސެއްގައި ހަރަކާތްތެރިވާ ރަސްކަމަށް ތާއީދުކުރާ 111 ސެލްއެއް ނައްތާލާފައިވާ ކަމަށާއި، އެމެރިކާ އާއި އިސްރާއީލާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ އެތައް ސަތޭކަ ބަޔަކު އަލަށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިއުލާންކޮށްފައިވެއެވެ.

މި ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ ދާދި ފަހުން އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާއި، 2025 ވަނަ އަހަރު މޮސާޑްގެ ޖާސޫސުން ކަމަށް ތުހުމަތުކުރެވޭ ބަޔަކު މަރާލުމަށްފަހުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް