ހަނދު ނުފެނުނު، މި އަހަރުގެ ފިޠުރު ޢީދަކީ ހުކުރު ދުވަސް

1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 20 މާރިޗު 2026 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ 1447 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

އެގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރެއްވި ހަނދާ ބެހޭ ބަޔާނުގައި ވަނީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވީ ބުދަ ދުވަހުގެ އިރުއޮއްސުމުގެ ފަހުން؛ ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަން، ޝަރުޢީ ހަމަތަކުން ސާބިތުނުވާ ކަމަށާއި، ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނޭކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.

އަދި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ މަޢުލޫމާތު ރަސްމީ ގޮތުން ލިބިފައިނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެހެންކަމުން، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 19 ވާ ބުރާސްފަތި ދުވަހަކީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައާއި، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވާ ހުކުރު ދުވަހަކީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

ޝައްވާލް މަހުގެ ހަނދު ބަޔާން އިއްވެވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް