ބޭރުމަގު ހެދުމުގެ މަސައްކަތަށް ހެންވޭރު ފެރީ ޓަރމިނަލުން ޢިއްޒުއްދީން ފާލަމާ ހަމައަށް މަގު ބަންދުކުރަނީ

މާލޭ އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭގޮތަށް، މާލޭ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް 21 މާރޗް 2026 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށްޓަކައި، ހެންވޭރު ޓަރމިނަލުން ފެށިގެން، މަސްވެރިންގެ ޕާރކާ ހަމައަށް ހިމެނޭ ސަރަހައްދު، 21 މާރޗް 2026 ން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެ ކަމަށެވެ.

މީގެ އިތުރުން މަސްވެރިންގެ ޕާރކުން ފެށިގެން 05 ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު 30 މާރޗް 2026 ން ފެށިގެން ބަންދުކުރުމަށް ހަމަޖެހިފައިވާއިރު، 05 ނަންބަރު ފާލަމުން ފެށިގެން، އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ ސަރަހައްދު 17 އެޕްރީލް 2026 ން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންކަމުން، މިއަދުން ފެށިގެން މަގު ފުޅާ ކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާލެވެންދެން މިި ސަރަހައްދުތަކުގެ އެއްގަމުތޮށްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި، ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް