މޯލްޑިވިއަން އިން ޑާކާއަށް ސީދާ ދަތުރުތައް ފަށައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.

މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބަންގްލަދޭޝަށް ދަތުރުތައް ބާއްވާފައެވެ. މި ދަތުރުތައް މެދުކަނޑާލީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އޭރު ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ގުޅިގެންނެވެ. ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ކޮންމެ ހަފްތާއަކުވެސް މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝްގެ ޑާކާއަށް ދިޔައީ ބާއްވަމުންނެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް