ދެމަފިރިންގެ ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް އެދެވޭ ގޮތަށް ފުރުސަތު ހުޅުވާލައިފި

ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 1 ވަނަ ދުވަހު ގެޒެޓު ކުރި އުސޫލާ އެއްގޮތަށް، "ގޯތި-ގެދޮރު"ގެ ނަމުގައި ކުރިއަށް ގެންދާ ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބާންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.

މި ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ފޯމު ހުށަހަޅަން ޖެހެނީ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ. މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1،250 އަކަފޫޓުގެ ގޯތިތަކެވެ.

މިހާރު ފުރުސަތު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގައި ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެ އިންނެވެ.

އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފަވަނީ ރަސްމާލެއިންނެވެ.

މި އުސޫލުގެ ދަށުން 7،900 ފްލެޓް ދޫކުރެ އެވެ. އެއީ މާލެއާއި ވިލިމާލެ ހިމެނޭހެންނެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަން އޮތް ނަމަވެސް، ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމީގޯތި ދެދޮރުގެ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް