ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހު ކޮށްފި

22 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 146 ދަރިވަރުންނާއެކު ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ސިފަވަންތަ ހަރުދަނާ ސޯލްޖަރުންގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސް ވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވާ އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ފަސްޓް ލެފްޓިނެންޓް އަސްލަމް އަތޯ މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމާއި، އެ އޭރިއާ ކޮމާންޑުގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ނާޡިމް މުޙައްމަދުގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް