އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގުތަކަށް އެ ކުންފުނިން ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތުން އެސްޓީއޯ އިން ހާމަކުރި ގޮތުގައި ކުރިން 13.5ރ. އަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 16.01ރ. އަށެވެ. އަދި 12.92ރ. އަށް މީގެން ކުރިން ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިހާރު ލިބޭނީ 17.54ރ. އަށެވެ.

އެސްޓީއޯ އިން ބުނީ މި ބަދަލުތައް ގެނެސްފައިވަނީ މާރިޗު 5 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ތެލުގެ އަގު އުފުލުނަސް ދިވެހީންނަށް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެކަމުގެ ޔަޤީންކަން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވަނީ ދެއްވައިފައެވެ.

މިގޮތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރުވެސް ތެޔޮ ޝިޕްމަންޓެއް ރާއްޖެއަށް އެބަ އަންނަ ކަމަށާއި، ރާއްޖޭގެ ސްޓޮކްގައިވެސް އަދި މަތިންދާ ބޯޓަށް އަޅާ ތެލުގައިވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް މުދާ ގެންނަ ވަކި މާކެޓްތަކެއް ކްލޯޒްވިޔަސް، އެހެން އޮލްޓަރނޭޓިވް މާކެޓްތަކެއް ސަރުކާރުން އެކްސްޕްލޯކުރަމުންދާ ކަމަށެވެ. އަދި މިހާރުވެސް ބައެއް ކަނޑުއޮޅިތައް އެވަނީ ބަންދުކޮށްފައިވާ ކަމަށާއި، ހާލަތު އިތުރަށް ގޯސްވާ ކަމަށްވަންޏާ، މުދާ އުފުލޭނެ އެހެން އިންތިޒާމުތައްވެސް އެކުވެރި ޤައުމުތަކާ ވާހަކަ ދައްކައިގެން ބަލަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް