ސަރުކާރުގެ ޓެކްސީ ލައިން ޢީދުގެ ކުރިއަށް ފެށުމަށް ތައްޔާރުވަނީ

ސަރުކާރުގެ ފަރާތުން މާލޭގައި ޤާއިމްކުރާ ޓެކްސީ ލައިންގެ ޚިދުމަތް މި ރަމަޟާން މަސް ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީތަކުގެ ފުރަތަމަ ބެޗު މި މަހުގެ 11 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި ދެވަނަ ބެޗު ގެންނަނީ ޗައިނާއިން ކަމަށެވެ.

"މިއަދު އަޅުގަނޑު މައުލޫމާތު ސާފުކޮށްލިން. ހުކުރު ދުވަހު ލިބޭނެ ދެވަނަ ބެޗުގެ އެރައިވަލް ޑޭޓެއް"، ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓެކްސީ ލައިން އިފްތިތާޙުކޮށް، މި މަހުގެ 18 ގައި ލިމިޓެޑް ސަރވިސްތަކެއް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީ އާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް