9500 ޓަނުގެ ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: މިނިސްޓަރ

މަސްވެރިން ކިރުވާ މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ކޯލްޑް ސްޓޮރޭޖު ފެސިލިޓީތައް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 9،500 ޓަނުގެ ކޯލްޑް ސްޓޮރޭޖު އެޅުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުވަނީ އެ މިނިސްޓްރީން ކުރަމުންދާ މަސައްކަަތްތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ޖުމްލަ ހަތަރު ރަށެއްގައި ކޯލްޑް ސްޓޮރޭޖު ފެސިލިޓީ އެޅުމުގެ މަސައްކަތް މިހާރު ކުންފުނިތަކާ ހަވާލުކުރެވި މަސައްކަތްވަނީ ފެށިފައެވެ. އެއީ:

ގއ.ކޫއްޑޫގައި އަޅާ 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއާއި މ.މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއާއި ފެލިވަރުގައި އަޅާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓގެ އިތުރަށް ގދ.ތިނަދޫގައި ގާއިމުކުރާ 1،000 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ކޫއްޑޫ ފެސިލިޓީގެ މަސައްކަތް ފެށިފައިވާއިރު މުލަކުގެ ފެސިލިޓީގެ މަސައްކަތް ފެށުމަށް އެ މަސައްކަތް ކުރާ ކުންފުނިން މިހާރު މޯބަލައިޒްކޮށްފައިވެއެވެ. އަދި ފެލިވަރުގެ ފެސިލިޓީގެ މަސައްކަތް މިހާރު ނިމުމަކާ ގާތަށް އައިސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ތިނަދޫ ފެސިލިޓީގެ މަސައްކަަތްވެސް ބާރަށް ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިފްކޯގެ އަމާޒަކީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުން ކަމަށެވެ.

މި މަސައްކަތްތަކުގެ އިތުރަށް ސ.ހުޅުދޫގައި ހުރި ކޯލްޑް ސްޓޮރޭޖު ފެސިލިޓީގެ ކެޕޭސިޓީ އިތުރުކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުދޫގައި މަސް ކާރުހާނާއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށް ތ.ހިރިލަންދޫއަކީ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ރަށެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ރަށުގައިވެސް ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަަށެވެ. އަދި މީގެ އިތުރަށް އިހަވަންދޫއާއި ކަނޑުއޮއްގިރީގައިވެސް ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ހުޅުދޫގައި ގާއިމުކުރަނީ 500 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއެއްކަމަށްވާއިރު ހިރިލަންދޫގައި ގާއިމުކުރަނީ 200 ޓަނުުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއެކެވެ. އަދި އިހަވަނދޫގައި ގާއިމުކުރާ ކޯލްޑް ސްޓޮރޭޖު ފެސިލިޓީގައި 1،000 ޓަނުގެ މަސް ރައްކާކުރެވޭއިރު، ކަނޑުއޮއްގިރި ފެސިލިޓީއަކީ 200 ޓަނުގެ ކެޕޭސިޓީގެ ފެސިލިޓީއެކެވެ.

"އަޅުގަނޑުމެންގެ މި ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް. މިހާރު ރާއްޖޭގައި ކޯލްޑް ސްޓޮރޭޖު ކެޕޭސިޓީ މިހުރި ގާތްގަނޑަކަށް 9،500 މެޓްރިކްޓަނުގައި ކަމަށްވާނަމަ އަޅުގަނޑުމެންގެ އަމާޒަކީ މި ކޯލްޑް ސްޓޮރޭޖު ކެޕޭސިޓީ 25،000 މެޓްރިކްޓަނަށް އިތުރުކުރުން،" ވަޒީރު ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް