2026 ވަނަ އަހަރުގެ ސްޓޫޑެންޓް ލޯނަށް މުޅިއަހަރުތެރޭ ކުރިމަތިލެވޭނެ: މިނިސްޓަރ

ލޯނަށް އެދުމުގެ ވަކިމުއްދަތެއްނެތި މުޅި އަހަރުގެ ތެރޭގައި ކުރިމަތިލެވޭގޮތަށް ފުރުޞަތު ހުޅުވާލަން  ނިންމާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ މަތީ ތަޢުލީމާބެހޭ ވުޒާރާގެ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރ ވިދާޅުވީ  2026 ގެ ލޯނު ސްކީމަށް މުހިންމު ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

2026 ގެ ލޯނު ސްކީމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ޕޯޓަލް ތައްޔާރުކުރުމާއި އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ސްކީމުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާގޮތަށް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ލޯނަށް އެދޭ ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިހާތަނަށް ދަރިވަރުން ލޯނު ހޯދަން އެދި ހުށަހަޅަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮތުމުން، އެ މުއްދަތުގައި ލޯނަށް އެދި ހުށަހެޅުން ބައެއް ދަރިވަރުންނަށް ދަތިވޭ. އަދި ލޯނަށް އެދުމުގެ ފުރުޞަތު ގެއްލޭގޮތް ދިމާވެފައިވާކަންވެސް ފާހަގަކުރެވޭ. މިބަދަލު ގެނައުމުގެ ސަބަބުން އަޅުގަނޑުމެން އުންމީދުކުރަނީ އެހެން ނުވާނެކަމަށް. އަދި، ލޯނަށް އެދި ހުށަހެޅުން ދަރިވަރުންނަށް ވަރަށް ބޮޑުތަން ފަސޭހަވެގެންވެސް ދާނެކަމަށް." ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.

މަތީ ތަޢުލީމާބެހޭ ވަޒީރު ޑޮކްޓަރ ޙައިދަރު ވިދާޅުވީ، މި ބަދަލާއެކު، ދަރިވަރުން ލޯނު ހޯދަން އެދޭއިރު ހުށަހަޅަންވާ ލިޔުންތައްވެސް ތަފާތުވާނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް