ރާއްޖޭގެ ތެލުގެ ސްޓޮކްގައި ދަތިކަމެއް ނެތް: ސައީދު
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލަށް ނުޖެހޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓުތަކުގައި އިއްޔެ ތެލުގެ އަގު %25-%30އަށް އުފުލުނު ކަމަށެވެ. މިހާރުގެ ހާލަތު އޮތް ގޮތުން ތަކެތީގެ އަގަށް ބަދަލު އަންނަމުންދާ ކަމަށާއި ރާއްޖެއިން ފިޔަވަޅުތައް އަޅަނީ އެކަންތަކަށް ވިސްނައިގެންކަމަށެވެ. އެހެންކަމުން ރާއްޖެއިން ތެލަށް ނުޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިއްޔެ ރައީސް ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންނަށް އަދި އެއްވެސް ކަންބޮޑުވުމެއް ނެތް ކުރުކޮށް ދަންނަވާ ނަމަ ތެލަކަށް ނުޖެހޭނެ، އިރާދަކުރެއްވިއްޔާ. އެލްޕީޖީ ވެސް އަދި ތެޔޮ ވެސް ހިމަނައިގެން މި ދެންނެވީ." މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ އާބާދީ ވެސް އިތުރުވަމުން އަންނައިރު އެ ހުރިހާ އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަށް މުދާ ގެންނަން އިތުރު ރޫޓުތައް ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ފްލޯޓިން އާބާދީއަކާއި ރާއްޖޭގެ އާބާދީ އާއި އަންނަ ފަތުރުވެރިންގެ އަދަދު އެއްކޮށްލީމާ ކުރީގެ ހާލަތްތަކަށް ބަލާއިރު ކޮންސިއުމް ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައި. އެހެންވެ މި ހަގީގަތްތަކަށް ވެސް ބަލައިގެން މުސްތަގުބަލަށް ކަންތައްތަކެއް އެބަ ރޭވޭ. މީގެ ކުރިން މުދާ ރައްކާ ކުރާ މިންވަރަށް ވުރެ އިތުރަށް މުދާ ރައްކާ ކުރެވޭނެ ގޮތްތަކެއް. މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތައް އުފެދެމުން ދާއިރުވެސް ދުރާލާ އެކަންކަމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް އަންނަމުންދާކަމަށާއި ތެލުގެ ސްޓޮކްގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. މީގެ އިތުރުން މަތިންދާ ބޯޓުތަކަށް އަޅާ ތެލުގައިވެސް މައްސަލައެއް ނެތްކަމަށާއި މިހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އެސްޓީއޯއާއި އެ ވުޒާރާގެ އިތުރުން މާލީވުޒާރާއާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ބައިނަލްއަޤްވާމީ ހަމަނުޖެހުންތަކާއެކު އަންނަ ލޮޅުތަކުގެ ސަބަބުން ރައްޔިތުންނަށް ވީހާވެސް ލުއިވާނެހެން ކަންކަން އިންތިޒާމް ކުރުމަށްކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް