ކުދި ވިޔަފާރިތަކަށް އަންނަ ހަފުތާގައި 200 މިލިޔަން ރުފިޔާ ދޫކުރާނެ: ރައީސް

ސަރުކާރުން ފައިސާ ދޭންޖެހޭ އަމިއްލަ ކުދި ވިޔަފާރި ކުންފުނިތަކުގެ ތެރެއިން 1 މިލިޔަން ރުފިޔާއަށްވުރެ މަދުން ފައިސާ ދޭންހުރި ކުންފުނިތަކަށް އަންނަ ހަފުތާގައި އެކަނިވެސް 200 މިލިޔަން ރުފިޔާ ސަރުކާރުން ދައްކާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކުދި ވިޔަފާރިތަކަށް 15 ދުވަހުގެ ތެރޭގައި ޕޭމަންޓުތައް ހެދުމަކީ އަމާޒެއް ކަމަށް ސަރުކާރުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ރަނގަޅަށްކަމަށެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތު މެނޭޖްކުރަމުންދަނީ ރާއްޖެއިން ބޭރަށް ދައްކަން ހުރި ދަރަނި ދެއްކޭގޮތައްކަމަށެވެ. ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި ދަރަނި ދައްކަމުންވެސް ސަރުކާރުން އެކިއެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާވެސް ދެމުންދާކަމަށެވެ.

ރައީސް ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ސަރުކާރުން ދޭންހުރި ފައިސާގެ ކޮންމެވެސް މިންވަރެއް ކޮންމެ ހަފުތާއެއްގައި ދެމުންދާކަމަށެވެ. އެގޮތުން ކުރިއަށްއޮތް ހަފުތާގެ ތެރޭގައިވެސް ކުދި ވިޔަފާރިތަކަށް 200 މިލިޔަން ރުފިޔާ ދޭނެކަމަށެވެ.

"ކުރިއަށްއޮތް ހަފުތާއަކީވެސް މިގޮތުން ކުދި ވިޔަފާރިތަކަށް ރާއްޖޭގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކުން ނުވަތަ ކުންފުނިތަކުން ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް ދޭންހުރި ފައިސާގެ މަދުވެގެން 200 މިލިޔަން ރުފިޔާ ދޭނެ ހަފުތާއެއް. ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އަދަދެއް އެބަދެން. އަޅުގަނޑުމެން އިސްކަން މިދެނީ ކުދި އެމައުންޓްސްތަކުން ޕޭކުރަންހުރި ވެންޑާސްތަކަށް. މިއަންނަ ހަފުތާގައި އަޅުގަނޑުމެން ދޭނީ 1 މިލިޔަން ރުފިޔާއަށްވުރެ މަދުން ފައިސާ ދޭންހުރި ބިލްތަކަށް." ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް