އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހުތިސާސަށް ބަދަލު ގެނެސްފި

އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސާސަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލު ގެންނަވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ ގުޅޭ ގޮތުން ހުޅުދުއާއި މީދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގީ މިދިޔަ އޮކްޓޫބަރު މަހުގެ 25ގައެވެ.

އެ ވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 47 ޕަސެންޓު މީހުންނެވެ. އަދި ހުޅުދުއާއި މީދޫން ވަކި ދެ ކައުންސިލް ހަދަން ބޭނުންވާ ކަމަށް ބުނިއިރު، ފޭދޫން ނިންމީ ސިޓީ ކައުންސިލުގައި ދެމިއޮތުމަށެވެ.

އެގޮތުން، އައްޑޫ ސިޓީ އާއި، ހުޅުދޫ އާއި، މީދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެންނެވި ބަދަލުތައް އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މިއާއެކު، އެ ދާއިރާތަކުގެ އިޚްތިޞާޞް ދައްކުވައިދޭ ޗާޓުތައް، އެ ޤަރާރުތަކުގެ ޖަދުވަލުގައި ވަނީ ހިމަނުއްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ މަސްއޫލިއްޔަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް