ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު މުހައްމަދު ނިމާލް ނިޔާވެއްޖެ އެވެ.
ފިލްމު "ނުފޫޒު"ގެ ތެރެއިން 1984 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުމެފައިވާ ނިމާލު ވަނީ ފިލްމީ ދާއިރާގައި ގިނަ ފިލްމުތަކެއް ކުޅެ އަދި ގިނަ ފިލްމުތަކެއް ޑައިރެކްޓްވެސްކޮށްފައެވެ.
1993 ވަނަ އަހަރުގެ ތެރޭގައި ނިމާލް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި "ސިޓީ"އަކީ ދިވެހި ތާރީހުގައި ދިވެހިންގެ މަގުބޫލުކަން ހޯދި އަދި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.
އެންމެ ފަހުން ނިމާލް ފެނިގެން ދިޔައީ މިދިޔަ އަހަރު ނުކުތް " ކޮސް ގިނަ މިސްޓޭކް" ގައެވެ. ނިމާލްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މުހައްމަދު ޖުމައްޔިލް ނިމާލަކީ ވެސް ފިލްމް އިންޑަސްޓްރީގައި މަގުބޫލު އަދި ކުޅަދާނަ އެކްޓަރެކެވެ.1991 ވަނަ އަހަރު ދައުލަތުން ވަނީ ތަމްސީލު ކުޅުމުގެ ރޮނގުން އާންމުހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ނިމާލަށް ދެއްވާފައެވެ.





