ހއ. ދިއްދޫ ބިން ހިއްކާ ނިންމައިފި

ހއ. ދިއްދޫ ބިން ހިއްކާ ނިމިއްޖެއެވެ.

ދިއްދޫ ބިން ހިއްކާ، ހއ.އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އެމަނިކުފާނު ރޭ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިތާ 50 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމިފައިވާކަމަށެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫން 112 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.


ދިއްދޫ ބިން ހިއްކުމަށް ބޭނުންކުރި ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ ބިން ހިއްކުމުގެ މަސައްކަތްތަކަށް ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ޑްރެޖަރެކެވެ.
ދިއްދޫ އެއާޕޯޓްގެ މަސައްކަތަކީ ރާއްޖޭގައި މި ދަޢުރުގައި 15 އެއާޕޯޓް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނެރުއްވި ޤަރާރުގައި ހިމެނޭ އެއާޕޯޓެކެވެ.
ދިއްދޫގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5000 އެއްހާ މީހުން ނަމަވެސް، އެރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ. ބޭސްފަރުވާއާއި ތަޢުލީމީ ބޭނުންތަކަށް، އެރަށަށް ހިޖުރަކޮށް ދިރިއުޅޭ އާއިލާތައްވެސް ގިނައެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގައި އެއާޕޯޓްގެ އިތުރުން، ބޯހިޔާވަހިކަމާއި އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންވާ ބިން ވެސް ވަނީ ހިއްކާފައެވެ.
މީހުން ދިރިއުޅޭ 14 ރަށް އޮންނަ ހއ.އަތޮޅުގެ އާބާދީ 16،000އަށް އަރައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް