ރޯދައަށް ދެ ބޯޓަކުން ގެނައި ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރުން ކްލިއަރ ކޮށްފި

ރޯދައަށް ދެ ބޯޓަކުން ގެނައި ކާބޯތަކެތި ރޭ ކްލިއަރ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލް އިން މިއަދު ބުނީ ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ބަނދަރުން ކްލިއަރކުރުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި، އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ރެޔާއި ދުވާލުގެ ވަގުތުތަކުގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިގޮތުން މި މަސައްކަތުގެ ތެރެއިން، ފެބުރުވަރީ 22 ވަނަ ދުވަހުގެ ރޭގަނޑު "ނިއުމަތު 3" އާއި "ބްލޫހާ" އިން ގިނަ އަދަދެއްގެ ކާބޯތަކެތި ބާލާފައިވާ ކަމަށާއި، މި ހަފުތާގެ ތެރޭގައި އިތުރު އުޅަނދުފަހަރުން ވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ބޭލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޕީއެލް އިން ބުނީ ކާބޯތަކެތި ހިފައިގެން އައި "ނިއުމަތު 2" ރޭގެ ވަގުތެއްގައި ބަނދަރަށް ކައިރިކޮށްފައިވާއިރު، "ވައިޑޫރިއަމް" އަދި "އަކިލްޝާން" މިވަގުތު އޮތީ އެންކަރޭޖްގައި ކަމަށެވެ.

އަދި ކާބޯތަކެތީގެ ބާވަތްތަކާއެކު ދަތުރުކުރާ "ވީބީ ޕްރޮގްރެސް" ވެސް މިއަދުގެ ވަގުތެއްގައި މާލޭ ވިޔަފާރި ބަނދަރަށް ބަނދަރުކުރާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް