ގެއްލުނު ޒުވާނާ ހޯދަން އިއުލާނުކުރުމުން ފުލުހަށް ހާޒިރުވެއްޖެ
މާލެއިން ގެއްލިގެން ހޯދާތާ ތިން ދުވަސްވީ ޒުވާނާ އަމިއްލައަށް ފުލުހުންގެ މަރުކަޒަކަށް ހާޒިރުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން އައީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) އެވެ.

ފުލުހުން ބުނީ މިމަހުގެ 13 ވަނަދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް، މިރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެއެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މަހުގެ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް އަލީ  ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 17 ވަނަދުވަހުއެވެ.

ރާއްޖޭގައި އާއްމުކޮށް ގެއްލިގެން ހޯދި ގިނަ ބަޔަކު ވަނީ އެމީހުން ހޯދަން ފުލުހުން ނޯޓިސް ނެރުމުން އަމިއްލައަށް ގެއަށް ނޫނީ ފުލުހުންގެ މަރުކަޒަށްް ހާޒިރުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް