ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެ ކަމުގެ އިންޒާރު ދީފި

މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން އެދި، މުއްދަތު ހަމަވާއިރު އުޅަނދު ނުނަގަނާމަ، ޓޯކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ވަނީ، ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ 23:30ގެ ކުރިން ނަގަން އެދިފައެވެ.

އެ މުއްދަތުގެ ފަހުން އަންނަ ހޯމައިން ފެށިގެން އެ އުޅަނދުތައް ޓޯކުރަން ފަށާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިގޮތުން، އުޅަނދުތައް ޓޯކުރާނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން އެ ޚިދުމަތުން ކަނޑައަޅާ ތަނަކަށް ކަމަށް އިއުލާނުގައިވެއެވެ.

އެ ގޮތަށް ޓޯކުރާ އުޅަނދުތައް ގެންދާއިރުގަޔާއި ޓޯކޮށްފައި ހުންނައިރު، ވާ އެއްވެސް ގެއްލުމަކަށް ޒިންމާއެއް ނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި، ޓޯކުރާ ފަހުން އެހެން ތަނަކަށް ގެންދަން ޖެހޭނީ، އުޅަނދުގެ ވެރިފަރާތުން ކަމަށް ފުލުހުން ބުނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ދޭތެރެއަކުން ފުލުހުންނާއި އިދާރާތައް ގުޅިގެން މާލެ ސަރަހައްދުގައި ހުންނަ ބާ އުޅަނދުތައް ނަގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް