މާފުށި ހިއްކި ސަރަހައްދުގައި ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި
މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ)އިން ފަށައިފިއެވެ.

މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އަޅަން  އެމްޑަބްލިއުއެސްސީ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިމަހުުގެ 12 ވަނަ ދުވަހުއެވެ.

އެއްބަސްވުމުގައި ސޮއިކުރިތާ 5 ދުވަހުގެ ތެރޭގައި  އަމަލީ މަސައްކަތް މިވަނީ ފަށާފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މަތީނާއި އެ ކުންފުނީގެ ޗެއާ ޝަމްހޫޒާ އަހްމަދުގެ އިތުރުން މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާއެވެ.

މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 128 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫއުގެ ދަށުން 1500 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓް ބަހައްޓާ، 3500 ޓަނުގެ ފެން ރައްކާކުރެވޭވަރުގެ 2 ޓޭންކް ބަހައްޓާ ފެން ގުޅައިދިނުމުގެ މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ ގާއިމުކުރުމުގެ އިތުރުން މާފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދުގައިވެސް ނަރުދަމާގެ ނިޒާމު ގާއިމުކުރާނެއެވެ. މި މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 57,4 މިލިއަން ރުފިޔާއަށް 571 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް