ރޯދަމަހާއި ދިމާކޮށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްފި
ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އިތުރުކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ އަންގާރަ ދުވަހުން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ހާއްސަ އުސޫލުގެ ދަށުން މަރުކަޒީ ބޭންކުން ބޭންކުތަކަށް އާންމު އުސޫލުގެ ދަށުން ޑޮލަރު ވިއްކާ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެ ކަމަށެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި، ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނެއެވެ.

މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިންގ ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. އެމް.އެމް.އޭއިން ހާމަކުރާގޮތުގައި، މިފަދަ ފިޔަވަޅުތަކަކީ ރަމަޟާން މަހާއި ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ޚާއްސަ ސިޔާސަތެކެވެ.

ރަމަޟާންމަހު އާންމުންނަށް ދަތިނުވެ އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމްތައްވެސް ސަރުކާރުން ދަނީ ހަމަޖައްސަވަމުންނެވެ. އަދި މި ރަމަޟާންމަހަކީ ތަކެތީގެ އަގުތައް ނުއުފުލި ހެޔޮއަގެއްގައި ލިބޭނެ ރަމަޟާންމަހަކަށް ވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް