ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ތުރުކީގެ އެއްބާރުލުން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް ހެލްތު ޕްރޮފެސަރ ޑރ. ކެމާލް މެމިޝޯލު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އަންކާރާގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ސަފީރު ޢަބްދުއްރަޙީމް އާއި ތުރުކީގެ ހެލްތު މިނިސްޓަރު ޕްރޮފެސަރ މެމިޝޯލު މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު ޢަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ތުރުކިޔޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި މޯލްޑިވްސް–ތުރުކިޔޭ އިންޓަރޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރޕަރސަން އޮނަރަބަލް ޑޮކްޓަރ އުއްމުގުލްޝެން އޮޒްޓަރކް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޝަޒްލީ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް