ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތައް މާދަމާއިން ފެށިގެން ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރަން ނިންމައިފިއެވެ.

ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް އެމްއޭސީއެލުން ވަނީ ގެނެސްފައެވެ.

އަދި މި ބަދަލާއި އެކު ކުރިން ބޭނުންކުރަމުން އައި ޑޮމެސްޓިކް ޓާމިނަލް ބަންދުކުރަން ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އެތެރޭގެ ދަތުރުތައް މިހާރު ކުރަމުން އަންނަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނާއި ވިލާއިންނާއި މަންޓާއިންނެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ހުޅުވިތާ އަހަރެއްގެ ތެރޭގައި ފަސް ލައްކައަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް