20 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަމުންދާ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އައު ސްޓޮކެއް ގެނެސްފިއެވެ.

މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، 20 ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް ގެނައީ އެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުންނެވެ.

މި ސްޓޮކް ރާއްޖެ ގެނެސްފައިވަނީ މިއަދު ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިއީ މި މަހުގެ ދެވަނަ ދުވަހު 100 ރުފިޔާގެ އައު ސްޓޮކެއް ގެނައުމަށްފަހު، އިތުރުކުރެވުނު ސްޓޮކެކެވެ.

"ރަންދިހަ ފަހެއް" ގެ ނަމުގައި އައު ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭކަން ފާހަގަކުރެވެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.

މީގެ އިތުރުން، އާދައިގެ އަލީގައި އެއްކުލައަކުން ފެންނަ ކުރެހުންގަޑު، އަލްޓްރާ ވައިލެޓް އަލީގައި ދެކުލައަކުން ފެންނާން ހުރެއެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ލޯފަން މީހުންނަށްވެސް އެނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ. އެގޮތުން ކޮންމެ ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ޚާއްސަ ބައިތަކެއްވެސް އެކުލެވޭކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް