ކުޅުންތެރިން ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް އެޅޭ ފިޔަވަޅެއް: ޠަލާލް

ކުޅުންތެރިން ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ޠަލާލް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


މިގޮތުން ޠަލާލް ވިދާޅުވީ، ކުޅިވަރުގައި ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން އެ ހަލާކުކޮށްލެވެނީ ޤައުމުގެ ކުޅިވަރުގެ މުސްތަޤުބަލު ކަމަށެވެ.

މިގޮތުން ވަކި މީހެއްގެ ދަރިއަކަށްވުން، ވަކި ޢާއިލާއަކަށް ނިސްބަތްވުން އެއީ އެ ކުޅުންތެރިއެއްގެ ޙައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމުގައި ޠަލާލް ވިދާޅުވިއެވެ. އަދި އެ ކުއްޖެއްގެ ހުނަރުން އެ ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެ ކުއްޖެއްގެވެސް އަދި ޤައުމުގެވެސް ކާމިޔާބީއެއް ކަމަށާއި، އޭގެ ފައިދާވެސް މުސްތަޤުބަލުގައި ކުރާނީ ޤައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޠަލާލް ވިދާޅުވީ ކުޅުންތެރިން ހޯދާ ކާމިޔާބީގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށްވާނެ ކަމަށެވެ.

ޠަލާލް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަނގު ދަރިކަލުން، ޢުމައިރު މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 އަށް ނޯމިނޭޓްވުމާ ގުޅިގެން މީސްމީޑިއާގައި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް