ރާއްޖެ އެތެރެކުރަން އުޅުނު 36 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 36 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ފެބުރުވަރީ 12 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުންނެވެ.


މިގޮތުން ޖުމުލަ 36.43 ކިލޯގުރާމުގެ ހަޝިޝް އޮއިލް ވަނީ އަތުލައިގެންފައެވެ. މި ތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަށްވުރެ ބޮޑު ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ.

މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް