ރޯދަމަހު ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެ

ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ބަަލައިގަންނާނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިޠުރުު ޒަކާތް ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. ޒަކާތު ހައުސްއިން ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއެކު އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. މިފަހަރު އޮންލައިންކޮށް 7 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެއެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނީ؛

  1. ދިރާގު އެޕް/ ދިރާގު ޕޭ
  2. އުރީދޫ އެމް ފައިސާ
  3. އިސްލާމިކް ބޭންކް ފައިސާ މޯބައިލް އެކްސް
  4. ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އެޕް
  5. ފަހިޕޭ
  6. އަވަސް އެޕް
  7. ފިނޭންސް މިނިސްޓްރީ ބަނޑޭރިޕޭ

ޒަކާތު ހައުސްއިން ވިދާޅުވީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށެވެ.

އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް

- 22 ފެބްރުއަރީން 9 މާރިޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 10:00 އިން 13:00 އަށް
- 10 މާރިޗް އިން 19 މާރިޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 14:00 އަށް

ޒަކާތު ހައުސިން އިން ވިދާޅުވީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށެވެ.

ޒަކާތް ބަލައިގަންނާނެ ބާވަތްތައް:

  • އާދައިގެ ހަނޑޫ 12ރ.
  • ތައިލެންޑު ހުދު ހަނޑޫ 53ރ.
  • ރަތް ހަނޑޫ 96ރ.
  • އާދައިގެ ބާސްމަތީ ހަނޑޫ 77ރ.
  • ބާސްމަތީ މޮޅު ހަނޑޫ 109ރ.
  • އެންމެ މޮޅު ބާސްމަތީ ހަނޑޫ 136ރ.
  • އާދައިގެ ފުށް 10ރ.
  • އާޓާ ފުށް 75ރ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް