ލަނޑާތަކެއް

ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް ވަގަށް ނެގި މައްސަލާގައި ހިމެނޭ ފުލުހަކު ސަސްޕެންޑުކޮށްފި އެވެ.

 ފުލުހުން ރޭ ބުނީ، އެ ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ތުހުމަތުކުރެވޭތީ ސަސްޕެންޑުކޮށްފައިވަނީ، ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރެއް ކަމަށެވެ. އޭނާ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކޮށްފައިވާ ކަމަށް ބުންޏަސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާގެ މައްޗަށް އެ މައްސަލައިގެ ޖިނާއީ ތަހުގީގު އިތުރުން، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.

މިދިޔަ 31 ޑިސެމްބަރުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެތަކެތި ބަހައްޓާފައިހުރި ގުދަނުގެ ވެރިފަރާތުންނެވެ. އެ ތަކެތި ފަހުން، މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ހުއްޓާ ފެނިފައިވާއިރު ތުހުމަތުކުރެވެނީ، 29 ޑިސެމްބަރު ވަނަ ދުވަހު، ގުދަނުގެ ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި ނަގާފައިވާ ކަމަށެވެ. އެކަމަކު މި މައްސަލާގައި ހިމެނޭ މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނިގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެ އެވެ. މި ވިޔަފާރި ކުރީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު"ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު، މައްސަލަ ހުށަހެޅި މީހާ އާއި އެ ތަކެތި ނެގި ކަމަށް ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުމުން، ދެ މީހުން ވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާތީ އާއި އޭގެތެރޭގައި ހުރި ބައެއް ލަނޑާ މިހާރު ހަލާކުވެފައިވާތީ އެކަތި ނީލަމުގައި ވިއްކާލަން ފުލުހުން ވަނީ ނިންމާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް