ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ރައީސް ޒިޔާރަތްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް، މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނު އެމްބަސީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ، ރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ.

ރައީސްގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގެންނެވި މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ، އެމްބަސީގައި އޮންނަ މެހްނާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމްބަސީގެ މުވައްޒަފުންގެ މަސައްކަތާ ބެހޭގޮތުންނާއި، އެބޭފުޅުންގެ ދިރިއުޅުއްވުމާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސް ޑރ. މުއިއްޒު، ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް