ކައުންސިލް އިންތިޚާބު މޮނިޓަރކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މޮނިޓަރަކަށްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2026 ފެބުރުވަރީ 09 ވާ ހޯމަ ދުވަހުން ފެށިގެން،2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އީސީން ބުނީ މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް އެ ކޮމިޝަނުގެ މައި ޕޯޓަލުން ކަމަށެވެ.

އެގޮތުން ކޮންމެ މީޑިއާއަކުން ޑޭޓާ ލިއޭޒަނަކަށްވުމަށް "މޮނިޓަރުންގެ މަޢުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށްވުމަށް އެދޭ ފޯމު" ފުރިހަމަކޮށް އީމެއިލް ކުރަންވާނެ ކަމަށާއި، މި ފޯމާއެކު މީޑިއާ/ބްރޯޑްކާސްޓަރގެ ރަޖިސްޓަރީ/ލައިސަންސް ކޮޕީ އަދި ޑޭޓާ ލިއޭޒަންގެ ދ.ރ.އ ކާޑުގެ ކޮޕީ ހުށަހަޅަންވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އީސީން ބުނީ ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިޚާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަޙައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށް ކަމަށެވެ. އެގޮތުން، މި އިންތިޚާބުގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް މޮނިޓަރަކަށްވުމަށް ހުށަހެޅޭނެ ކަމަށާއި، ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 މޮނީޓަރަކަށް ކަމަށެވެ.

މީގެ އިތުރުން ބްރޯޑްކާސްޓްކުރާ މީޑިއާތަކަށް، ވޯޓުލާ މަރުކަޒުތަކުގައި ޖާގަ އޮތް މިންވަރަކުން ހަރަކާތްތެރިވުމަށް ފުރުސަތު ދެވޭނެ ކަމަށާއި، މޮނިޓަރ ކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަޙައްދުގައި ނުވަތަ ވޯޓުގުނާ ތަނުގައި ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑް ކުރަންވާނީ ވޯޓުލާ ސަރަޙައްދުގައި ވޯޓުލާ ބޫތާ 10 ފޫޓަށްވުރެ ކައިރިނުވާ ގޮތަށް އަދި ވޯޓުގުނާ މަރުކަޒުގައި ވޯޓުގުނާ މީހުންނަށް ދަތިނުވާ ގޮތަށް ކަމަށް އީސީން ބުނެއެވެ.

މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް