އިސްލާމްއާބާދަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ދިން ނުރައްކާތެރި ޙަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

މި ހާދިސާގައި މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ ބަޔަކު ޒަހަމްވެފައިވާތީ، ދިވެހި ސަރުކާރުން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ. އަދި މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ރައްދުކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޓެރަރިޒަމްގެ އެންމެހައި ޢަމަލުތަކަކީ ދިވެހިރާއްޖެއިން ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށާއި، ހާއްސަކޮށް، އަޅުކަންކުރާ ބިނާތަކަށް އަމާޒުކޮށްދޭ މިފަދަ ފިނޑި ޙަމަލާތަކަކީ އިންސާނިއްޔަތާއި، ދީނާއި، އަދި އަޅުގަނޑުމެން އެންމެން ގަބޫލުކުރާ އަހްލާގީ އުސޫލުތަކާއި ހިލާފު ޢަމަލުތަކެއްގެ ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.

މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޕާކިސްތާނާ އެކުގައިކަމަށް ހާރިޖީ ވުޒާރާގެ ބަޔާނުގައި ބުުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް