ރާއްޖޭގެ ދެކުނު ކަނޑު ދިވެހި ސިފައިން ބަލަހައްޓަން ފަށައިފި

ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ، މޮރިޝަސް އިން ހުށަހެޅި މައްސަލާގައި މިދިޔަ ސަރުކާރުން ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭހެން، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ދިވެހި ސިފައިން ބަލަހައްޓަން ފަށައިފި އެވެ.

ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ، ރާއްޖޭގެ  އިގްތިސާދީ ސަރަހައްދަށް  އެއްވެސް  ބަދަލެއް  ނާންނަކަން އިއުލާންކުރައްވައިފަ އެވެ. ރައީސް މިގޮތަށް އިއުލާންކުރެއްވުމާއި ގުޅިގެން އެމްއެންޑީއެފްއިން މިއަދު ބުނީ، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ފެށީ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ އާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން އިއްޔެ ކަމަށް ބުންޏެވެ. މި އޮޕަރޭޝަނުގައި، ރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ހަަމައެއާއެކު ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސަރަަހައްދާއ، ހާއްސަ އިގްތިސާދީ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށްވާތީ ރައީސް ނިންމަވާފައިވާގޮތަށް ދެކުނު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ދިވެހި ސިފައިން ކުރަމުންދާނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދުތައް ދިފާއުކޮށް، ހިމާޔަތްކޮށް ބެލެހެއްޓުމަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، އެ މަސްއޫލިއްޔަތު އަސްކަރިއްޔާގެ ގާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އިހުލާސްތެރިކަމާއި ފަރުވާތެރިކަމާ އަދި ސާބިތުކަމާއެކު ދިވެހި ސިފައިން އަދާކުރާނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ސިޔާދަތީ ގާބިލުކަން ހޯދުމަށް ފާއިތުވި 2 އަހަރު ސަރުކާރުން ކުރި މަސައްކަތުން ކަނޑާއި ވައިގެ ޒަމާނީ އުޅަނދުތައް ހިދުމަތައް ނެރެވި ކަނޑުތައް ބެލެހެއްޓޭނެ އިތުރު ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާ ކަމަށް މި ސަރުކާރުން ގަބޫލުކުރާތީ، މިއަދުން ފެށިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުކަމުގައި ބަލާނީ "ރާއްޖޭގެ ކަނޑުގެ ސަރަަހައްދުތަކާބެހޭ ގާނޫނު"ގައި ބަޔާންކުރާ ސަރަަހައްދުކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް