ފާޓިލިޓީ ސެންޓަރަށް އެއް އަހަރު: ދެ ކުއްޖަކު އައިވީއެފްއިން އުފަންވި

ގައުމީ ދަރިމައިވުމުގެ މަރުކަޒު، ނުވަތަ ނޭޝަނަލް ފާޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ޚިދުމަތް ހޯދި އަންހެނުންގެ ތެރެއިން 23 މީހަކު ބަލިވެއިންކަން އެ މަރުކަޒުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ފަރޓިލިޓީ ސެންޓަރުގެ ޚިދުމަތް ސަރުކާރުން ފެއްޓެވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. ސެންޓަރަށް އަހަރެއް ވެގެންދިޔައިރު ރާއްޖޭގެ މުޅި ސިއްޙީ ނިޒާމަށްވެސް އިންޤިލާބީ ކުރިއެރުމެއް މިވަނީ ލިބިގެން ގޮސްފައެވެ.
ފަރޓިލިޓީ ސެންޓަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ކްލިނިކްގެ ޑިރެކްޓަރ ޑރ. މުޙައްމަދު އަސީލް ޖަލީލް ވިދާޅުވީ ފަރޓިލިޓި ސެންޓަރުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އަދި މާލޭގައި މިޚިދުމަތް ފެށުނުނަމަވެސް، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މިދަނީ ރާވަމުން. އަދި ފަސޭހައިން ރައްޔިތުން ތިބި ސަރަޙައްދެއްގައި ޚިދުމަތް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށްދަނީ މަސައްކަތްކުރަމުން." ޑރ.އަސީލް ވިދާޅުވިއެވެ.
ފަރޓިލިޓި ސެންޓަރަށް އަހަރެއްވީއިރު ދަރިމައިވުމަށް އެދޭ 578 ދެމަފިރިއަކުވަނީ ޑޮކްޓަރަށް ދައްކާފައެވެ. އަދި އެމުއްދަތުގެ ތެރޭގައި އައިވީއެފް ހެދުމަށް 96 މީހަކު ހޮވާ އޭގެތެރެއިން 86 އަންހެނުންގެ ބިސް ނެގުމުގެ މަރުޙަލާވަނީ ފުރިހަމަކޮށްފައެވެ. އަދި 68 އަންހެނުންގެ ރަޙިމުގައި އެމްބްރިއޯ ބަދަލުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އޭގެ ތެރެއިން 23 އަންހެނުން މާބަނޑުވެފައިވާއިރު މިހާރު އަންނަނީ ވިހެއުމުގެ ދުވަސްތައް ހޭދަކުރަމުންކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން ކެންސަރުގެ ވޭން ތަޙައްމަލުކުރަމުންދާ 3 ބަލި މީހަކަށް ފަރުވާއަށްފަހު ދަރިމައިވެވޭނެ މަގުފަހިކޮށް ދިނުމަށް ފަރޓިލިޓީ ޕްރިޒަވޭޝަން ޚިދުމަތްވަނީ ފޯރުކޮށްދީފައެވެ.

ރާއްޖޭގައި ތިބެގެން އާސަންދަ މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައިގެ ޚިދުމަތް ފެށިގެން ދިޔުމާއެކު އެތައް ޢާއިލާތަކަކުން އުފުލަމުންދިޔަ ތަކުލީފަށް މިވަނީ ނިމުމެއް އައިސްފައެވެ. މިއީ މުޅި ރާއްޖޭގެ ސިއްޙީ ނިޒާމުން ހޯދާފައިވާ ބޮޑު ކާމިޔާބީއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް